އަފްރާޝީމް ޢަލީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ އަފްރާޝީމް ޢަލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 24 އޭޕްރީލް 1966 ގައި ރ. އުނގޫފާރުގައެވެ.

ޑރ. އަފްރާޝީމް ޢަލީ 1983 ގައި މާލެ ވަޑައިގެން ޙާލަތު ހުރި ގޮތުން ފުރަތަމަ ވެސް ވަޑައިގަތީ ފުލުސް ކޯޓްގެ ކާތިބެއްގެ ވަޒީފާއަށެވެ. އަޑު މަޚުރަޖު ރީތީ އަފްރާޝީމް އޭރު ވެސް ދީނީ ތަޢުލީމަށް ލޯބިކުރައްވާތީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އައްވަލު އިޢުދާދިއްޔާއިން 1 ފެބްރުވަރީ 1986 ގައި ޖާގަ ހޯއްދެވި އެވެ. ކާމިޔާބުކަމާއެކު އެ މަޢުހަދުން އަފްރާޝީމް ޢަލީ (މަޢުހަދުގެ އިންޑެކްސް: 258) ޝަހާދާ ޘާނަވިއްޔާ ޙާޞިލުކުރެއްވީ 1992 ވަނަ އަހަރުއެވެ.

ޑރ. އަފްރާޝީމް، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހު އަދި އުޞޫލުލް ފިޤްހުގެ ރޮނގުން ބެޗްލަރޒް ޑިގްރީ ހާސިލު ކުރެއްވީ 2000 ވަނަ އަހަރުއެވެ. އަދި 2003 ވަނަ އަހަރު މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވިއެވެ. ފިޤްހު، އަދި އުޞޫލުލް ފިޤްހުގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލު ކުރެއްވީ ވެސް މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއީ 2007 ވަނަ އަހަރުއެވެ.

ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ޑރ. އަފްރާޝީމް ފުރަތަމަ އަދާކުރެއްވީ، އިސްލާމީ މަރުކަޒުގެ އިސް އިމާމުކަމުގެ ވަޒީފާއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ. މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ވެސް އިމާމުވެވަޑައިގެން ކުރެއްވިއެވެ. މީގެއިތުރުން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ޤުރްއާން މުދައްރިސް ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުވެސް ފުރުއްވިއެވެ. 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އުނގޫފާރު ދާއިރާގެ މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލެވުނީ، ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ގެޔަށް ވަޑައިގެންނެވި ވަގުތުގައެވެ. އެއީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު މެންދަމުގެ ވަގުތެއްގައެވެ. ޑރ. އަފްރާޝީމް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރިއެވެ.