އިބްރާހީމް ޒަކަރިއްޔާ މޫސާ (ޕީއެޗްޑީ)

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ 2010 ވަނަ އަހަރު މެލޭޝިޔާގެ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޤުހު އެންޑް އުޞޫލުލް ފިޤުހު އިން ޕީ،އެޗް،ޑީ ހާޞިލުކުރައްވާފައެވެ. އަދި 2007 ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން އިސްލާމިކް ރިވީލްޑް ނޮލެޖް އިން މާސްޓާސް  ޙާޞިލުކުރައްވާފައިވެއެވެ.  1983 ވަނަ އަހަރު، އިސްލާމިކް ޝަރީޢާއިން ޑިގްރީ ޙާސިލުކުރައްވާފައިވަނީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީންނެވެ. މީގެ އިތުރުން 1971 އާއި 1979 އާ ދެމެދު ޕާކިސްތާނުންނާއި ސަޢޫދީޢަރަބިއްޔާއިން މެޓްރިކިޔުލޭޝަންއާއި، ޘާނަވީ ތަޢުލީމު ޙާސިލުކުރައްވައި އުރުދޫބަހާއި އިގިރޭސިބަހާއި ޢަރަބި ބަސް ދަސްކުރެއްވިއެވެ.

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި، ތަޢުލީމީ ފަންޑުގެ ޗެއާމަންކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސުޕަރވިޒަން ކޮމިޓީގެ މެމްބަރުކަމާއި، އިސްލާމިކް އެފެއާޒްގެ ސްޕްރީމް ކައުންސިލްގެ މެމްބަރުކަމާއި، މޯލްޑިވްސް ފިޤްހު އެކަޑެމީގެ މެމްބަރުކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ރިސާރޗް އެތިކްސް ކޮމިޓީގެ  މެމްބަރުކަމާއި، މެލޭޝިޔާގެ މިރާޖުގެ ކޮންސަލްޓެންޓުކަން ހިމެނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަަމާއި، އެ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަމާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ރެކްޓަރކަމާއި، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރު އަދި މުދީރު ޢާންމުކަން ޑރ. ޒަކަރިއްޔާ ވަނީ ކުރައްވައިފައެވެ. އަދި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.