މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އުފަންވެވަޑައިގަތީ 28 މާރިޗު 1977 ގައެވެ. އެ މަނިކުފާނަކީ ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫ ބޭފުޅެކެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލް އަޝްރަފިއްޔާގައި ކީރިތި ޤުރްއާން ހިތު ދަސްކުރެއްވުމަށް ފަހު، އިމާމު އަބޫ ޙަނީފާ ހަޔަރ އިނިސްޓިޓިއުޓް ފޯ ޓީޗާސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ. އެއަށްފަހު މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ދަށުގައި ހުންނަ މަޢުހަދުއް ދިރާސާތިލްޚާޞާގައި ޢަރަބި ބަސް އިތުރަށް އުނގެނިވަޑައިގަތެވެ. ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމީ ޔުނިވަރސިޓީގައި ފިޤުހާއި އުޞޫލުލްފިޤުހުގެ ދާއިރާއިންނެވެ. އެއަށް ފަހު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި މާސްޓާރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ހާސިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) (ޕީއެޗްޑީ) ހާސިލުކުރެއްވިއެވެ.

ޑރ. ޝަހީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވިއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި ޗާންސެލަރުކަން ކުރެއްވިއެވެ. ޑރ. ޝަހީމް ވަނީ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ވެސް ކުރައްވައިފައެވެ.

ޑރ. މުޙައްމަދު ޝަހީމަށް އިސްލާމިކް މިނިސްޓަރުކަމުގެ ފަތްކޮޅު އަރުވަނީ

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމުގައެވެ. އަދި އެމަނިކުފާނަކީ ރާބިޠަތުލް ޢާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގު) ގެ އެންމެ މަތީ މަޖިލިސް (ސުޕްރީމް ކައުންސިލް) ގެ މެންބަރެއް ވެސް މެއެވެ.