މޫސާ އަންވަރު ޙަސަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. މޫސާ އަންވަރު ޙަސަން

ޑރ. މޫސާ އަންވަރު ޙަސަން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. 2002 ވަނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިސްލާމީ ޙަޟާރަތުގެ ރޮނގުން ފުރަތަމަ ޑިގުރީ ހާސިލުކުރެއްވިއެވެ. މާސްޓާރސް ޑިގުރީ ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން އިސްލާމީ ފިޤްހާއި، އުޞޫލުލް ފިޤްހުން 2013 ވަނަ އަހަރެވެ. އެއަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2021 ވަނަ އަހަރު އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީން ޕީއެޗްޑީ ހާސިލުކުރައްވައިފައިވެއެވެ.

ޑރ. މޫސާ އަންވަރު ދީނީ ހޭލުންތެރިކަން ރާއްޖޭގައި ފެތުރުއްވުމުގެ މަސައްކަތް ފެއްޓެވީ، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. މިހާރު ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވާޢިޡުގެ މަޤާމުގައެވެ. އަދި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން ވެސް ގެންދަވަނީ ކުރައްވަމުންނެވެ. ޑރ. މޫސާ އަންވަރު ޙަސަން ފަތުވާ މަޖިލީހަށް ޢައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހެވެ. އޭގެކުރިން 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ވެސް ފަތުވާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައިވެއެވެ. މީގެއިތުރުން އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޝަރީޢާ ބޯޑުގެ މެންބަރެއް ވެސް މެއެވެ.

ޑރ. މޫސާ އަންވަރު ދީނީ ރޮނގުން ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [ވަސްމީރު ޒިކުރާ]، [އިސްލާމްދީނުގައި ބައިނަލްއަޤްވާމީ ގުޅުންތައް]، [އިސްލާމީ ޢިލްމުތައް ކުރިއަރައިގެން ދިޔުން]، [ތާރީޚުއް ތަޝްރީޢު] [ޤަޟާޔާ ފީ ތާރީޚު ވަ ޢިލްމުއްރަސްމު] އާއި، [އިސްލާމީ ތާރީޚު]، [އިސްލާމީ ޘަޤާފަތް] އަދި [ޙައްޖާއި ޢުމްރާއަށް މަގެއް] ފަދަ ފޮތްތައް ހިމެނެއެވެ. އަދި ޝާއިޢު ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި [ފާފަ ފުއްސެވުމުގެ ސަބަބުތައް]، [ރިޒުޤު ތަނަވަސް ކުރެއްވުމުގެ ސަބަބުތައް]، [މައްކާ އާއި މަދީނާގެ އާޘާރީ ތަންތަން] ހިމެނެއެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރުދިނުމުގެ އިނާމު 2017 ވަނަ އަހަރު ވަނީ ޑރ. މޫސާ އަންވަރު ޙަސަނަށް ލިބިލައްވާފައެވެ.