ޙުސައިން މުޙައްމަދު ލަޠީފް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް (އިނގިރޭސި: Hussain Mohamed Latheef) އަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބެވެވެ. އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އުފަންވެޑައިގަތީ 1980 ގައެވެ.

ތަޢުލީމު[އުނިއިތުރު ގެންނަވާ]

އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި، ސޯޝަލް ސަރވިސް އެންޑް ކޮމިޔުނިޓީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ އަންގްލިއާ ރަސްކިން ޔުނިވަރސިޓީގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

ޚިދުމަތުގެ ދާއިރާ[އުނިއިތުރު ގެންނަވާ]

ސަރުކާރުގެ ޚިދުމަތް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފެށްޓެވީ 2004 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ހުޅުމާލެ ހޮސްޕިޓަލްގެ ސެކްރެޓަރީގެ ވަޒީފާއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ގައި، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައިވެސް އެމަނިކުފާނު މަސައްކަތްކުރައްވައިފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަޤާމު އެމަނިކުފާނު ވަނީ އަދާކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 9 އަހަރު ޚިދުމަތްކޮށްދެއްވައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމާ ހަމަޔަށް ވެސް އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަމުގެ މަޤާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން[އުނިއިތުރު ގެންނަވާ]

އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަކީ 2008 ގެ ފަހަށް ދިވެހިރާއްޖޭގައި ނާއިބު ރައީސްކަން ކުރައްވާ ހަތްވަނަ ނާއިބު ރައީސެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ޤާނޫނީ ހުވާ ކުރެއްވީ 17 ނޮވެމްބަރު 2023 ގައި ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުނު ހުވާ ކުރުމުގެ ދަރުބާރުގައެވެ.